މިނިސްޓަރު ޝަހީމްގެ ރައްދާ ގުޅިގެން މަޖިލިސް ހޫނުވެ، މެންބަރު މައުރޫފްގެ ނަން އިއްވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޖަވާބު ދެއްވިއިރު، އަޑުގަދަކޮށް ވާހަކަ ދެއްކެވި މެންބަރަކަށް އޭނާ ރައްދު ދެއްވުމާ އެކު ތަޅުން ހޫނުވެ، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ނަން އިއްވައިފި އެވެ. މި ހާދިސާ ހިނގީ 22 އޮކްޓޯބަރު 2025 ވީ އަންގާރަ ދުވަހުއެވެ.
މިނިސްޓަރު ޝަހީމް މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގަތީ ކެންދޫގައި މިސްކިތެއް އަޅަން ފެށި މަޝްރޫއުއެއް ހުއްޓިފައި ވާތީ އެކަމާ ބެހޭ ގޮތުން މެމްބަރު މައުރޫފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. އެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން ސުވާލު ކުރަން މެންބަރުންނަށް ދިން ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޝަހީމް ޖަވާބު ދެއްވަމުން ގެންދަވަނިކޮށް، އެ ޖަވާބު އަޑު ނާއްސަވައި ނާޒިލު އަޑުހަރުކޮށް ވާހަކަ ދައްކަވަން ފެއްޓެވި އެވެ.
އައްޑޫ ހިތަދޫގައި އިމާރާތް ކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ ކޮންޓްރެކްޓަރާ ހަވާލާ ދެއްވައި ނާޒިލް ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ ކަމަށެވެ. އެއާ އެކު، ނާޒިލް އެއްސެވީ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިމޭނެތޯ އެވެ. ނާޒިލްގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ އެއީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށާއި ހުރިހާ ބިލަކަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި ކެޕޭސިޓީ ނެތް ފަރާތްތަކާ މަސައްކަތް ހަވާލުކުރީމާ މަޝްރޫއު ލަސްވަމުން ދަނީ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަހީމް އެ މޭރުމުން ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު، މެމްބަރު ނާޒިލާއި އެހެން އެހެން ބައެއް މެންބަރުން ވެސް އަޑުގަދަ ކުރެއްވި އެވެ. އެއާ އެކު ޝަހީމް ވިދާޅުވީ "އިއްޒަތްތެރި މެންބަރު ސުވާލު ކުރައްވާފައި ޖަވާބު އަޑު އައްސަވަން ވާނެ" ކަމަށެވެ. އެ ހިސާބުން މަޖިލީހުގެ ޕީއެންސީ މެންބަރުންނާއި އެމްޑީޕީ މެންބަރުންނާ ދެމެދު ބޮޑު ޒުވާބެއް ފެށުނެވެ. ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ތަކުރާރުކޮށް ނަސޭހަތް ދެއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރަށެވެ. މައުެރޫފް އިށީނދެވަޑައިގެންނެވުމަށް ތަކުރާރުކޮށް އިންޒާރު ކުރެއްވުމަށް ފަހު އޭނާގެ ނަން އިއްވައި ތަޅުމުން ނުކުމެވަޑައިގަންނަވަން ނާޒިމް އެންގެވި އެވެ.